އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޞިއްޙީ ތަޖުރިބާކާރުން
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 19/09/2019

އާސިޔާ އަބުދުއްރަހީމް އާއެކު އެޕޮއިންޓްމެންޓެއް (ޑައެޓިޝަން)

އާސިޔާ އަބްދުއްރަހީމަކީ ދިވެހިރާއްޖޭގެ 3 ވަނަ އަށް ކިޔަވައިގެން ވަޑައިގެންނެވި ޑައެޓިޝަނެވެ. މިދާއިރާގައި ފުރަތަމަ މަސައްކަތް ކުރެއްވީ ލެބޮރަޓޮރީ ޓެކްނިޝަނެއްގެ ގޮތުގައެވެ. 2010 ވަނަ އަހަރު ވަޒީފާ ދޫކުރަށްވާ 2016 ވަނަ އަހަރު ދަސްވެނިވުމަށްފަހު އައި.ޖީ.އެމް.އެޗްގައި މަސައްކަތެް ކުރައްވަމުން އާސިޔާ ގެންދަވަނީއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 19/09/2019

Asiya AbdulRaheem Dietitian
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޑައެޓިޝަންއަކަށް ވުމަށް އެޅުއްވި ފިޔަވަޅުތަކަކީ ކޮބާ؟

އޭލެވަލް ނިންމުމަށް ފަހު އެންމެ ފުރަތަމަ ބެލީ ރާއްޖޭގައި ކިޔެވެނީ ކޮން ކޯސްތަކެއްތޯ އެވެ. މީގެ ތެރެއިން އެންމެ ކަމުދިޔައީ ލެބޮރެޓޮރީ ޓެކްނޮލޮޖީގެ ކޯހެވެ. 2004 ވަނަ އަހަރު ގްރެޖުއޭޓް ވުމަށް ފަހު އައި.ޖީ.އެމް.އެޗް ގައި ލެބޮރެޓޮރީ ޓެކްނޮލޮޖިސްޓެއްގެ ގޮތުގައި 2010 ވަނަ އަހަރާއި ހަމައަށް މަސައްކަތްކުރީމެވެ. އެއީ ވަރަށް ކަމުދިޔަ މަސައްކަތެކެވެ. އައި.ޖީ.އެމް.އެޗް އަކީ ސޮޓާފުންނަށް ރަނގަޅަށް ހިތުމުގެ އިތުރުން މަސައްކަތް ދެނެގަންނަ ތަނެކެވެ. މީގެ އިތުރުން ތައިލޭންޑްގައި "ބްލަޑް ބޭންކިން" ޓޮރެއިނިންގް އެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ.

މެލޭޝިޔާއަށް ބަދަލުވެ ކިޔެވުމުގެ ފުރުސަތު ދިނީ އަޅުގަނޑުގެ ފިރިމީހާއެވެ. މެލޭޝިޔާގައި ކިޔާވާނެ ކޯހެއް ޚިޔާރު ކުރުމުގައި އުޅުނީމެވެ. ބައިވަރު ކޯސްތައް ހުއްޓެވެ. އޭގެތެރެއިން އެންމެ ކަމުދިޔަ ތިން ކޯހަކީ ޑައިޓެޓިކްސް، ނިއުޓްރިޝަން އަދި ފިޒިކަލް އެޑިއުކޭޝަންއެވެ. ބައެއް ގައުމުތަކުގައި ޑައިޓެޓިކްސް އަދި ނިއުޓްރިޝަން އެއީ އެކައްޗެއް ކަމުގައި ބަލައިގަންނަމަވެސް، މެލޭޝިޔާގައި އެއީ ތަފާތު 2 ކޯހެވެ. ނިއުޓްރިޝަން އަކީ ބޮޑަށް މުޖުތަމައާއި ގުޅުން ހުރި ކަމެކެވެ. ޑައެޓިޝަނުންނަކީ ނިއުޓްރިޝަންގެ މާހިރުންނެވެ. އަދި އެއީ ބަލިތައް ރަނގަޅުކުރަން މަގުދައްކައިދޭ، ބޮޑަށް ބަލިމީހާއަށް ވިސްނައިގެން ފަރުވާދޭ ދާއިރާއެކެވެ. ޑައެޓެޓިކްސްއަށް ޝައުގުވެރިކަން ހުރީ ކުރީއްސުރެން ބަލި މީހުންނަށް އަޅާލަން ބޭނުންވާތީއެވެ. ޓެކްނޮލޮޖިސްޓް އެއްގެ ގޮތުގައިވެސް، ޑައެޓް މެދުވެރިކޮށް ލޭގެ ހީމޯގްލޮބިން މަތި ކުރުމަށާއި ބަރުދަން ލުއި ކުރުން ފަދަ ކަންކަމަށް ވިސްނާލަމެވެ. ޑައެޓެޓިކްސް ކޯހުގައި މި ސުވާލުތަކުގެ ޖަވާބު ހުރުމުން، އެ ކޯސް އެންމެ ބޮޑަށް ކިޔަވަން ބޭނުންވެފައި، ފުރުސަތުވެސް ލިބުނީއެވެ.

ކިޔެވުން ފެށުމަށްފަހު ވެސް ކޯހަށް ދިޔައީ އިތުރަށް ޝައުގުވެރި ވަމުންނެވެ. ފިޒިއޮލޮޖީ، ބަޔޯކެމިސްޓްރީ، އެނެޓޮމީ، ކްލިނިކަލް ނިއުޓްރިޝަން، މެޑިކަލް ނިއުޓްރިޝަން ތެރަޕީ އަދި ފުޑް އެންޑް ޑްރަގް އިންޓަރެކްޝަން، ޕިޒިއޮލޮޖީ އެންޑް ޕޭޝަންޓް އެޑިއުކޭޝަން އަދި ކައުންސެލިންނަކީ އެންމެ ކަމުދިޔަ މާއްދާ ތަކެވެ. މީގެ އިތުރުން އިންސްޓިޓިއުޝަނަލް ފުޑް ސާވިސް މެނޭޖްމަންޓް، ސްޕޯޓް ނިއުޓްރިޝަން، ކޮމިއުނިޓީ ޑައެޓެޓިކްސް، އިންޓަރޕަރސަނަލް ކޮމިއުނިކޭޝަން ސްކިލްސް، ނިއުޓްރިޝަން ތުރޫ ލައިފް ސައިކަލް، ޕަބްލިކް ސްޕީކިން، އަކެޑަމިކް ރައިޓިން، ޑައެޓެޓިކް ރީސާރޗް، ނިއުޓްރިޝަން އެންޑް މެޓަބޮލިޒަމް އަދި ޑްރަގް މެޓަބޮލިޒަމް އަކީ ޝައުގުވެރު ކަމާއެކު ކިޔެވި މާއްދާތަކެވެ. މި މާއްދާތަކާއި އެހެނިހެން މާއްދާތައް އަދި އެކި އިންސްޓިޓިއުޓް ތަކުގައި 1 އަހަރުގެ ޕޯސްޓިންގްއެއް އެކުލަވާލުމުން ޑައެޓިޝަންއަކަށް ވެވުނީއެވެ.

2015 ވަނަ އަހަރުގެ ފަހުކޮޅުގައި ޔުނިވަސިޓީ ޕުޓްރަ މެލޭޝިޔާ (ޔޫ.ޕީ.އެމް) އިން ދަސްވެނިވެފައި އައި.ޖީ.އެމް.އެޗް ގައި  ޑައެޓިޝަންއެގެ ގޮތުގައި މަސައްކަތް ކުރަން ފެށީ 2016 ވަނަ އަހަރުގެ މާޗްއިން ފެށިގެންނެވެ.

ޑައެޓިޝަން ގެ ގޮތުގައި އަދާކުރަން ޖެހޭ ކަންތައްތަކަކީ ކޮބާ؟

ޑައެޓެޓިކްސް އަކީ ބޮޑު ސްކޯޕް އެއް އޮންނަ ވަޒީފާ އެކެވެ. ކްލިނިކަލް ޑައެޓިޝަން، ކޮމިއުނިޓީ ޑައެޓިޝަން، ފުޑް ސަރވިސް ޑައެޓިޝަން، ކުޅިވަރު ޑައެޓިޝަން، ދިރާސާ އަދި ލެކްޗަރާ އާއި ލިޔުންތެރިންގެ ގޮތުގައި ވެސް މަސައްކަތް ކުރެވޭނެއެވެ. 

ކްލިނިކަލް ޑައެޓިޝަނެއްގެ ޒިންމާއަކީ އެކި ކަހަލަ ބަލިތައް ޖެހިފައިވާ މީހުން ބަލައި ބަލިތައް ޑައެގްނޯޒްކޮށް މެނޭޖް ކުރުމެވެ. އައުޓް-ޕޭޝަންޓް ޑީޕާޓަމަންޓް (އޯޕީޑީ) ގައި ޑައެޓަރީ ކައުންސަލިން އަދި ޕޭޝަންޓް އެޑިއުކޭޝަން ދީފައި، އިން-ޕޭޝަންޓް ޑިޕާޓްމަންޓްގައި ނިއުޓްރިޝަން ޕްލޭން ހެދުން ހިމެނެއެވެ. ކްލިނިކަލް ޑައެޓިޝަންގެ ގޮތުގައި އަޅުގަނޑު މަސައްކަތް ކުރަނީ އައި.ޖީ.އެމް.އެޗް ގެ އައުޓް-ޕޭޝަންޓް ޑިޕާޓްމަންޓް ގަ އާއި އޭ.އެމް.ޑީ.ސީ ފަދަ މާލޭގެ ބައެއް ކްލިނިކް ތަކުގައެވެ. މިނޫންވެސް، ފެމިލީ ކެއަރ އަދި ވައިޓަލް ކެއަރގައި މަސައްކަތަކޮށް، އެކި ރަށްރަށަށް ގޮސް ބަލިމީހުން ފަރުވާކުރުން ފަދަ ކަންކަން ކުރަމެވެ. ދިވެހި ރާއްޖޭގައި އެންމެ ގިނައީ ބަރުދަނާއި ބަހޭ ގޮތުންނާއި، ހަކުރު ކޮންޓްރޯލް ކުރުމާއި، ކޮލެސްޓެރޯލް ކޮނަޓްރޯލް ކުރުމާއި، ކިޑްނީ ބަލިތަކާއި، ކެންސަރު ފަދަ މައްސަލަތަކަށް ފަރުވާހޯދަން އަންނަ މީހުންނެވެ. އިން-ޕޭޝަންޓް ޑިޕާޓްމެންޓްގައި ކާއެއްޗެހި ބަލިމީހާއަށް ދެވޭނީ 3 ގޮތަކުންނެވެ؛ އަނގައިން، ހޮޅިއަކުން ނުވަތަ ލޭގެ ޒަރިއްޔާއިންނެވެ. އައި.ޖީ.އެމް.އެޗްގައި މި ތިން ގޮތްވެސް ބޭނުން ކުރެވެއެވެ. 

އަޅުގަނޑު އެންމެ ޝައުގުވެރިވަނީ އައި.ސީ.ޔޫގައި އެޑްމިޓްކޮށްފައިވާ މީހުންނާއި، ސަރޖަރީ ކޮށްފައިވާ މީހުންނާއި، ކެންސަރު ބަލި ޖެހިފައިވާ ފަރާތްތަކާއި، ކިޑްނީގެ ބަލިތައް ޖެހިފައިވާ މީހުންނާއި، ނިއުޓްރިޝަންގެ އެހެނިހެން މައްސަލަތުގައި އެޑްމިޓް ކުރެވިފައިވާ ބަލިމީހުންނަށް ފަރުވާމަށެވެ. މިކަހަލަ ބަލިމީހުންނަށް ފަރުވާ ކުރުމަކީ އުނދަގޫ މަސައްކަތެކެވެ. އެއްވެސް ފޮތެއްގައި ކަންތައް ކުރަންވީ ގޮތް ކިޔައިދީފަކާއެއް ނުވާނެއެވެ. ރަނގަޅު ތަޖުރިބާއަކާއި، ވިސްނުމެއް މިދަނޑިވަޅުތަކުގައި ހުރުން ވަރަށް މުހިންމެވެ. 

ދެވަނަ ކަމަކަށް ކާއެއްޗެހި ތައްޔާރު ކުރުމަށް ޑައެޓިޝަނުންގެ ޒިންމާ ބޮޑެވެ. އެހެނިހެން ގައުމުތަކުގައި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ބަލިމީހުންނަށް ކެއިން ބުއިމުގެ ކަންތައްތައް ބަލަހައްޓާނީ ޑައެޓިޝަނުންނެވެ. އެހެންނަމަވެސް މިވަގުތު ރާއްޖޭގައި މިފަދަ ހިދުމަތެއް އަދި ނެތެވެ. އެވަރުގެ ހިދުމަތެއް ތައާރަފް ކުރުމަށް ވަރަށް ބޮޑު ހަރަދަކާއި ރޭވުންތެރިކަމެއް ބޭނުންވާނެއެވެ. މި ހިދުމަތް ގާއިމު ކުރުން ވަރަށް މުހިންމެވެ. އެއީ ބަލިމީހާ ރަނގަޅު ސިއްހަތަކަށް ގެނައުމަށްޓަކައި ރަނގަޅު ކާނާ ބޭނުން ވާތީވެއެވެ. ހަށިގަނޑު ތެރޭގައި ބޭސް ދައުރުކުރުމަށްޓަކައި ވެސް ނިއުޓްރިޝަން ބޭނުންވެއެވެ. 

ތިންވަނަ ކަމަކަށް، ޑައެޓިޝަނުން ނިއުޓްރިޝަނުންނާ އެކީ މުޖުތަމައު ތެރޭގައި މަސައްކަތް ކުރާނެއެވެ. އެގޮތުން ވިސްނާނީ ބައްޔެއް ޖެހުމުގެ ކުރިން އެއިން ރައްކާތެރި ވެވޭނެ ގޮތްތަކަށެވެ. ފުރަތަމަ ކަމަކަށް މުޖުތަމައު ތެރޭގައި ހުރި މައްސަލަތައް ހޯދާ، މީހުން ހޭލުންތެރިކޮށް އަދި އުނގަންނައި ދީގެން ހައްލުކުރާނީއެވެ. އެގޮތުން ސްކޫލްތަކުގެ ނިއުޓްރިޝަން ޕްރޮޖެކްޓުގައި އަޅުގަނޑު މަސައްކަތް ކުރީމެވެ. ދަރިވަރުންނަށް ދިމާވާ އުނދަގޫތައް ދެނެގަތުމަށްފަހު އެއަށް ބަލާފައި އަޅުގަނޑުމެން ނާސްތާ ދޭނެ ގޮތް ރޭވީއެވެ.

ހަތަރުވަނަ ކަމަކަށް ކުޅިވަރާއި ކަސްރަތުގެ ދާއިރާއަށްވެސް ޑައެޓިޝަނުން ބޭނުންވާނެއެވެ. މެލޭޝިޔާގެ ގައުމީ ސްޕޯޓްސް ކައުންސިލުގައި އަޅުގަނޑު ޑައެޓިޝަނެއްގެ ހައިސިއްޔަތުން މަސައްކަތް ކުރީމެވެ. މަތީ ފެންވަރެއްގައި ކުޅެމުން އަންނަ ކުޅުންތެރިން ކައިބޮއި ހަދާނީ އެ އިމާރާތުގެ ތެރޭގައެވެ. ކުޅިވަރުގައި އެންމެ މުހިންމު އެއްބަޔަކީ ކާނާ އެވެ. އެކި ކުޅިވަރުތަކަށް ކާނާގެ މިންވަރާއި ބާވަތްތައް ތަފާތު ވާނެއެވެ. ސްޕޯޓްސް ޑައެޓިޝަނެއްގެ ގޮތުން އެ ކުޅުންތެރިޔަކަށް ބޭނުންވާނެ ގޮތަށް ކާނާ ތައްޔާރު ކުރާނެ ގޮތް ރާވަން ޖެހޭނެއެވެ.

ފަސްވަނަ ކަމަކީ ދިރާސާ ކުރުމެވެ. މިހާތަނަށް ރާއްޖޭގައި ޑައެޓެޓިކްސްގެ ދާއިރާއިން ކުރެވިފައިވަނީ ވަރަށް މަދު ދިރާސާ އެކެވެ. އަޅުގަނޑަށް ހީވާ ގޮތުން 4 ދިރާސާއެވެ. 2014 ވަނަ އަހަރު އުމުރުން ދުވަސްވީ މީހުންގެ ކެއުން ބުއިން ހުރި ގޮތާ ބެހޭގޮތުން އަޅުގަނޑު ދިރާސާއެއް ކުރީމެވެ. އަދި މިވަގުތު މިދަނީ އައި.ސީ.ޔޫ ގައި އެޑްމިޓް ކުރެވިފައިވާ ބަލިމީހުންނާއި ބެހޭގޮތުން ދިރާސާއެއް ކުރަމުންނެވެ. ކެއުން ބުއިމުގައި ކޮންމެ ގައުމެއް ނުވަތަ ސަރަހައްދެއްގައި އުޅޭ މީހުން ގެންގުޅޭ ގޮތްތައް ތަފާތު ވާނެއެވެ. އެހެން ކަމުން އެގޮތްތަކާއި ބެހޭގޮތުން ދިރާސާ ކުރުން މުހިންމެވެ. 

ލިޔުންތެރިކަމަކީވެސް ޑައެޓިޝަނަކަށް މުހިންމުވާން ޖެހޭނޭ ދާއިރާއެކެވެ. އަޅުގަނޑުގެ އުއްމީދަކީ ގިނަ ޑައެޓިޝަނުން ދިވެހި ބަހުން ލިޔުންތައް ޝާއިޢުކުރުމެވެ. މިވަގުތު އަޅުގަނޑަށް އެނގިގެން ދިވެހި ބަހުން މިގޮތަށް ލިޔަނީ އަޅުގަނޑު އެކަންޔެވެ. އަޅުގަނޑު ލިޔަމުން މިދަނީ އޮންލައިން މެގަޒިންއަކަށެވެ. އެހެންނަމަވެސް މިއަކުން ނުފުދެއެވެ. އަޅުގަނޑުމެންގެ ޒުވާން ޖީލު ސޯޝަލް މީޑިޔާއަށް ވަރަށް ފަރިތައެވެ. އަޅުގަނޑުގެ އުއްމީދަކީ އެހެނިހެން ޑައެޓިޝަނުންވެސް ތެދު މައުލޫމާތު ފަތުރަން އިތުރަށް މަސައްކަތް ކުރުމެވެ.

ފަހު ކަމެއްގެ ގޮތުން ބައެއް ޑައެޓިޝަނުންނަކީ ކިޔަވައި ދިނުމުގެ ދާއިރާގައިވެސް މަސައްކަތް ކުރާ ފަރާތްތަކެކެވެ. މިވަގުތު ރާއްޖޭގައި ޔުނިވަރސިޓީ ލެވެލް އެއްގައި ކިޔަވައިދެވޭނެ ގޮތެއް ނެތެވެ. އަޅުގަނޑުމެން މިކަމަށް ބޭނުންވަނީ މާސްޓަރސް ލެވެލް އަށް ނުވަތަ ޕީ.އެޗް.ޑީ މި ރޮނގުން ނަގައިފައިވާ ޑައެޓިޝަނުންނެވެ.

ގިނަ ފަރާތްތަކަކުން ދަނީ ހަމައެކަނި ބޭހަށް ބަރޯސާވުމުގެ ބަދަލުގައި މުޅި ހަށިގަނޑަށް ވިސްނައިގެން (ހޮލިސްޓިކް ވިސްނުމެއްގައި) ފަރުވާދެމުންނެވެ. މިއާމެދު އޮތް ޚިޔާލަކީ ކޮބާ؟

ހޮލިސްޓިކް އެޕްރޯޗެއް މުހިންމެވެ. ހުރިހާ ބަލިމީހުންނަށް އަޅުގަނޑު ދޭ ނަސޭހަތަކީ ހަމައެކަނި ކާއެއްޗަށް ވިސްނުމުގެ ބަދަލުގައި ހުރިހާ ކޮޅަކަށްވެސް ވިސްނުމެވެ. ހޮސްޕިޓަލުގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ އެކީގައެވެ. ޑޮކްޓަރުން ލަފާ ދެއްވާނީ ބޭހާ ގުޅޭ ގޮތުންނެވެ. ޑައެޓިޝަނުން ލަފާ ދޭ އިރު ޑޮކްޓަރުގެ ލަފާއާ އެއްގޮތަށް ކެއުން ބުއިން ހުންނަން ޖެހޭ ގޮތް ކިޔައިދޭނީއެވެ. ހަމައެކަނި ކާއެއްޗަކުން ބައްޔަށް ފަރުވާ ކުރުމުގެ ބަދަލުގައި ބޭހާއި އެކީ ބޭނުން ކުރުމަކީ ރަނގަޅު ގޮތެވެ.

އެހެނަސް ބައެއް ކަހަލަ ބަލިތައް ސީރިއަސް ނޫންނަމަ ކެއުމުން އެކަނިވެސް ފަރުވާ ކުރެވޭނެއެވެ. މިސާލަކަށް ކޮލެސްޓްރޯލް ލެވަލް މަތިވުން، ލޭގެ ޕްރެޝާ މަތިވުން ނުވަތަ ހަކުރު ބައްޔެވެ. އެކަމު މި ނިންމުމަކީ ޑޮކްޓަރު ނިންމާ ނިންމުމެކެވެ.

ބަލިމީހުންގެ ފަރާތުން ފެންނަ އެންމެ އާންމު ކުށްތަކަކީ ކޮބާ؟

ކެއުމުގައި ފެންނަ އެންމެ ބޮޑު ކުށަކީ ގަޑިން ގަޑިއަށް ނުކެއުމެވެ. ޚާއްސަކޮށް ބަރުދަން ލުއި ކުރަން ބޭނުންވާ މީހުންނާއި ހަކުރު ބަލި ޖެހިފައިވާ މީހުން ކެއުން މަދުކުރެއެވެ. ރަނގަޅު ގޮތަކީ މަދުވެގެން ދުވާލަކު 3 އިރު ކެއުމެވެ. ރޯދަ ހިފާ މީހާވެސް 3 އިރު ކާނެ ވަގުތު އޮވެއެވެ. އަދި އެންމެ މޮޅު ގޮތަކީ 5 އިރު ކެއުމެވެ. ބޮޑު 3 ކެއުމާއި ކުޑަ 2 ކެއުމެވެ.

ދެވަނަ ކަމަކަށް ފެންނަ ކުށަކީ ކާން ޖެހޭ ގަޑި ލަސްކުރުމެވެ. މިސާލަކަށް ހެނދުނުގެ ނާސްތާ ނަގަން ޖެހެނީ ވީހާވެސް ހެނދުނަކާއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ހެނދުނުގެ ނާސްތާ ނެގޭ އިރު ހުންނަނީ މެންދުރު ވަގުތު ޖެހިފައެވެ.

ތިންވަނަ ކަމަކަށް، ދުވާލަކު ކާ ކެއުމުގައި 5 ބާވަތުގެ ކާނާ ހިމަނަންވާނެއެވެ. ބަރުދަން ލުއި ކުރަން ބޭނުންނާ މީހާވެސް ކޮންމެ ދުވަހަކު މި 5 ބާވަތުގެ ކާނާ ކާންވާނެއެވެ. އެންމެ ގިނަ މީހުން ހުއްޓާލަނީ ފަލަމަޑީގެ ބާވަތެވެ. ފެންނަ ނަތީޖާއަކީ ބަރުދަން ލުއިވުމެވެ. އެހެންނަމަވެސް މިއީ ރައްކާތެރި ގޮތުގައި ލުއިވާ ބަރުދަނެއް ނޫނެވެ. މީހާގެ ހަށިގަނޑުން ނިއުޓްރިއަންޓްސް މަދުވެގެން ދަށްވާ ބަރުދަނެކެވެ. މިހެންވަނީ މިބާވަތުގެ ކާނާގައި ޑ-ވިޓަމިންސް ހުންނާތީވެއެވެ. މިބާވަތް ކެއުން ހުއްޓާލުމުން ބަލިވުމުގެ ފުރުސަތުވެސް ބޮޑެވެ. މީގެ އިތުރުން ބައެއް މީހުން ކިރުގެ ބާވަތްތައްވެސް ކެއުމުން މަޙްރޫމް ކުރެއެވެ. ހީވެފައި އޮންނަނީ ކިރު ބުއިމުން ބަރުދަން އިތުރުވާނެ ކަމަށެވެ. އެހެންނަމަވެސް ރީސަރޗްތަކުން ދައްކާ ގޮތުގައި ކިރުގެ ބާވަތްތައް ކެއުމުގައި ހިމަނާ މީހުންގެ ބަރުދަން ލުއިވުން އަވަސް ވެގެންދެއެވެ. ކިރަކީ އިރުގެ އައްޔަށްފަހު ވިޓަމިން-ޑީ އިންސާނުންނަށް ލިބެން އޮންނަ އެންމެ ބޮޑު ވަސީލަތެވެ. ކިރުގެ ބާވަތްތައް ކެއުން ހުއްޓާލައިފިނަމަ ކެލްސިއަމް އަދި ވިޓަމިން-ޑީ ހަށިގަނޑުން މަދުވެއެވެ. އެހެންކަމުން ދުވާލަކު 2 ކިރު ތަށި ބޭނުންވެއެވެ. 

އަޅުގަނޑުމެންގެ މުޖްތަމައުން "ޑައެޓް" ކާނާ ކެއުންވެސް އިތުރު ވެއްޖެއެވެ. އަޅުގަނޑުގެ ނަސޭހަތަކީ މިއެއްޗެހި ބޭނުން ނުކުރުމެވެ. ޑައެޓް ސައި ފަދަ ޕްރޮޑަކްޓް ތަކަކީ ގިނަ ގިނައިން ފާޚާނާއަށް ދެވި ބަރުދަން ލުއިކޮށްދޭ އެއްޗެއްސެވެ.

މުހިންމުކަމަކީ ކާ ކެއުންތަކަކީ އާއިލާއާއި ރައްޓެހިންނާއެކީ މަޖަލާއި އުފަލުގައި ކުރާ ކަމަކަށް ހެދުމެވެ. ކެއުމުގެ ފުރިހަމަ ފައިދާ ލިބިގަތުމަށްޓަކައެވެ.

ކެއުމުން އެއްވެސް ބައެއް އުނިކުރާނަމަ ފުރަތަމައިނުން ހަކުރު މަދުކުރާށެވެ. އެއަށްފަހު ތެލުލި ބަނބުކެޔޮ ފަދަ ތެލުލި ކާނާ ހުއްޓާލާށެވެ. 

ދުވާލަކު އާންމު ގޮތެއްގައި ކައި އުޅެނީ ކޮން އެއްޗެއް؟

ގިނަ ފަހަރަށް އަޅުގަނޑު ކަނީ އާދައިގެ ދިވެހި ކެއުންތަކެވެ. އަޅުގަނޑުގެ ފިރިމީހާއަށް ވެސް މީރީ މިގޮތެވެ. އެހެންނަމަވެސް ބައެއް ދުވަސް ދުވަހު ހުޅަނގުގެ ކެއުންތަށްވެސް ކައި އުޅެމެވެ.

ރެޑް ރައިސް، މިކްސްޑް ސަޓަނި، ރޯޒްމޭރީ ބޭކްޑް ކުކުޅު
ދިވެހި ކެއުން
ސްޓީމްޑް ޒުވާރި، ގްރިލްޑް ކުކުޅު، ސޕިނަޗް އަދި ގްރޭޕްސް ސަޓަނި
އާފަލު
ލޯ ޖީ.އައީ ރައިސް، ސްޓަރ ފްރައިޑް މޮރިންގާ، ފަރު މަސް ގަރުދިޔަ، ޑްރެގަން ފްރުޓް
މޮރިންގާ ބިސްގަޑު، އޯޓްސް ފުށުގެ ރޮށި
ވީޓްބިކްސް، ފުލް ކްރީމް ކިރު، ސޮފްޓް ބޮއިލްޑް ބިސް

މިއީ އަޅުގަނޑު އާންމު ގޮތެއްގައި ކައި އުޅޭ ބައެއް ކެއުންތަކެވެ. ޑައެޓިޝަނެއްގެ ހައިސިއްޔަތުން ކެއުމުގައި ވިސްނާ 2 ކަމެއްވެސް އޮވެއެވެ؛

  • ބޮޑު ކަމެއް ދިމާވެގެން ނޫނީ ނުކައި ނުހުރުން

  • ދުވާލަކު ކާ ކެއުންތަކުގައ 5 ބާވަތުގެ ކާނާ ހިމެނުން

އާންމުކޮށް ކައި އުޅޭ ހެނދުނުގެ ނާސްތާއަކީ ރޮއްޓާއި (އޯޓްސް ފުށާއި އާޓާ ފުށުން ހަދާފައިވާ) ކުޅިމަސް ނުވަތަ ބިސްގަޑެކެވެ. ކަންނެތްކަން އިހުސާސް ކުރެވޭ ދުވަސް ދުވަހު ސީރިއަލް، ފެނު ކެއްކި ބިސް އަދި ކިރު ތައްޓެއް ބޯލަނީއެވެ. ހެނދުނުގެ ނާސްތާ ކަނީ ވަޒީފާއަށް ދިޔުމުގެ ކުރިން ހެނދުނު ހެނދުނާއެވެ. މެންދުރުގެ ކެއުމަކީ އާންމު ގޮތެއްގައި ބަތާއި، ކާށިކިރުން ހަދާފައިވާ ރިހަ ނުވަތަ ގަރުދިޔަ. ފިހުނު މަސް އަދި ސަޓަންޔެވެ. ރޭގަނޑުގެ ކެއުމަށްވެސް ކަނީ މިއެވެ. މެންދުރު 12 ޖަހާއިރަށް އަޅުގަނޑު މެންދުރުގެ ކެއުން ނަގަމެވެ، އަދި ރޭގަނޑުގެ ކެއުން ކަނީ މަޣްރިބް ނުވަތަ ޢިޝާ ނަމާދަށް ފަހުއެވެ. ކެއުމުގެ ދެމެދު ނުވަގަޑިއަށް ކޮންމެވެސް އެއްޗެއް ކާލަމެވެ. ހަވީރު ގަޑީގައި ރައްޓެހިންނާއެކީ ސައިބޯން ބައެއް ފަހަރު ދަމެވެ. ކުރިންވެސް އަޅުގަނޑު ބުނިހެން ކެއުމަކީ މަޖާކަމަށް ވާންވާނެއެވެ. އެންމެން އެއްތަން ވެގެން ކުރާކަމަކަށް ވާން ވާނެއެވެ.

އަޅުގަނޑު ދުވާލަކު ކަނީ އާންމުކޮށް މީހުން ކާން ޖެހޭ ވަރަށް ވުރެ އިތުރަށެވެ. ސަބަބަކީ ދުވާލަކު 2 ގަޑިއިރު ކަސްރަތު ކުރާތީވެއެވެ. ކެއުން އިތުރު ނުކުރާނަމަ ބަރުދަން މާބޮޑަށް ލުއި ވެދާނެއެވެ. އާންމުކޮށް ކަސްރަތު ކުރުމަށް ފަހު މޭވާއާއި ކިރާއި އެއް ކޮށްގެން މިލްކްޝޭކެއް ބޯލަމެވެ.

ކިރުގެ ކޮން ބާވަތެއްތޯ ބޯންވީ ސުވާލުކުރުމުން އަޅުގަނޑުގެ ލަފައަކީ ފުލް ކްރީމް މިލްކް ބުއިމެވެ. އެއީ އޭގައި ވިޓަމިން އޭ، ޑީ، އީ، އަދި ކޭ ހިމެނޭތީވެއެވެ.

ތިބޭފުޅާ ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވޭނީ ކިހިނެއް؟

އާ ހެލްތް މިނިސްޓަރ މަގާމަށް އައުމާއެކު އަޅުގަނޑުގެ އުއްމީދަކަށްވީ މިނިސްޓްރީއިން އަޅުގަނޑުމެންގެ ޚިޔާލުތައް އިތުރަށް އަހާ ބަލައިގަތުމެވެ. ޞިއްޙީ ދާއިރާގައި އުޅެނީ 3 ބަޔެކެވެ؛ ޑޮކްޓަރުން، ނަރުހުން، އަދި އެލައިޑް ހެލްތް ޕްރޮފެޝަނަލުންނެވެ. މިގޮތުން އެލައިޑް ހެލްތް ޕްރޮފެޝަނަލުން ރާއްޖޭގައި މަދުވުމުން އަޅުގަނޑުމެން ހުންނަނީ ބާކީ ވެފައެވެ.

އެލައިޑް ހެލްތް މިގައުމުގައި ވަރުގަދައަށް ބިނާ ކުރުމަކީ މުހިންމުކަމެކެވެ. މިސާލަކަށް، ކޮންމެ ހޮސްޕިޓަލެއްގައި ޑައެޓިޝަނެއް ބެހެއްޓުމަކީ މި ދަނޑިވަޅުގައި އުނދަގޫ ކަމެކެވެ. އެހެންނަމަވެސް އަޅުގަނޑުމެން މިހިރީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުން ތަމްރީނު ކުރަން ތައްޔާރަށެވެ. އަޅުގަނޑުމެން އަމިއްލައަށްވެސް މިމަސައްކަތް ކުރީމެވެ. ނަމަވެސް ވަގުތު ދެވެން ނެތުމުގެ ސަބަބުން މިހާރު މަސައްކަތް އޮތީ މަޑު ޖެހިފައެވެ. މިވަގުތު ހޮސްޕިޓަލުތަކުގައި ބަލިމީހުންނަށް ލަފާދިނުމުގައި ނަރުހުންގެ ޒިންމާ ވަރަށް ބޮޑެވެ. ޑައެޓިޝަނުން މަދު ކަމުން ކެއުން ގެންގުޅެން ޖެހޭ ގޮތުގެ ލަފާ ދެނީވެސް ނަރުހުންނެވެ. އަތޮޅު ހޮސްޕިޓާތަކާއި ރީޖިއަނަލް ހޮސްޕިޓާތަކުންވެސް މި ކަންކަން ފާހަގަ ކުރެވެއެވެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިވަގުތު ރާއްޖޭގައި މަސައްކަތް ކުރައްވާ ޑައެޓިޝަނުން މި ނަރުހުންނަށް ތަމްރީން ދީ އުނގަންނައި ދެވޭނެއެވެ. މިފަދަ ތަމްރީނުތަކެއް ރާވާލާ ހިންގިއްޖެނަމަ މުޖްތަމައަށް އޭގެން ނުހުނު ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. 

ދެވަނަ ކަމަކަށް ނިއުޓްރިޝަންއާއި ބެހޭގޮތުން މުޖްތަމައަށް އުނގަންނައިދޭން ހެދޭ ޓީމުތަކުގައި ޑައެޓިޝަނުންނެއް ނުހިމެނެއެވެ. މިޓީމްތަކުގައި ގާބިލު ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން ތިއްބެވި ކަމުގައި ވިއަސް، ކޮންމެ މުޖުތަމައެއްވެސް ކެއުމުގެ އާދަކާދަތައް ގެންގުޅޭ ގޮތް ތަފާތުވާނެއެވެ. މިތަފާތުތައް އެންމެ ރަނގަޅަށް ދެނެގަނެވޭނީ ޑައެޓިޝަނަކަށެވެ. މިކަހަލަ މަސައްކަތެއްގައި ޑައެޓިޝަނުންނަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެއެވެ. ބައެއް ފަހަރު މި ޓީމުތަކުގައި އުޅުއްވާ ބޭފުޅުން އަޅުގަނޑުމެންގެ ގާތަށް ޚިޔާލު ހޯދުމަށްޓަކައި އާދެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ވަގުތު ދޭން ދަތިވެއެވެ. މީގެ ބަދަލުގައި އަޅުގަނޑުމެން ޓީމުގައި ބައިވެރި ކުރުމުން އަޅުގަނޑުމެންނަށް މަސައްކަތްކޮށް ޚިޔާލު ފާޅު ކުރަން ފަސޭހަވާނެއެވެ.

ކެއުމާއި ބެހޭގޮތުން މީހަކަށް ދޭނެ 3 ނަސޭހަތަކީ ކޮބާ؟

އާންމު ގޮތެއްގައި، ކޮންމެ މީހަކުވެސް މި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ؛

  • ކެއުން އަވަސްކޮށް، ހުރިހާ ގަޑިއެއްގައި ކެއުން

  • 5 ބާވަތުގެ ކާނާ ކޮންމެ ދުވަހަކު ކާ ކެއުންތަކުގައި ހިމެނުން

    • ފަލަމަޑީގެ ބާވަތް

    • މަހުގެ ބާވަތް

    • ކިރުގެ ބާވަތް

    • މޭވާ

    • ތަރުކާރީ

  • ހަކުރާއި ތެލުލި ކާނާ މަދުކުރުން

  • ޕްރޮސެސްޑް ކާނާ މަދުކުރުން

  • ހަފްތާއަކު 5 ދުވަހު، ދުވާލަކު 30 މިނަޓު ކަސްރަތުކުރުން

  • ކެއުމުގައި އާއިލާ އަދި ރައްޓެހިން ބައިވެރިކޮށް އުފަލާއި މަޖަލުގައި ކެއުން

މި ދާއިރާއަށް ޝައުގުވެރިކަން ހުންނަ ކުއްޖަކަށް ބުނެލަން ބޭނުންވަނީ ކީކޭ؟

މިވަގުތު ދިވެހިރާއްޖޭގައި ހުރީ އެންމެ 5 ޑައެޓިޝަނުންނެވެ. 5 މީހުން ވެސް މަސައްކަތް ކުރަނީ މާލޭގައެވެ. އަދި އޭގެ ތެރެއިން 4 މީހުން މަސައްކަތް ކުރަނީ ހޮސްޕިޓާ އަދި ކްލިނިކް ތަކުގައެވެ.

މިއީ އިލްމުން ފުރިގެންވާ ދާއިރާއެކެވެ. ކިޔަވާ ކުއްޖަކަށް އަހަރަކަށް ފަހު އަހަރެއް ދާނީ ޝައުގުވެރިކަން އިތުރު ވަމުންނެވެ. ކިޔަވާ ނިންމާފައި މަސައްކަތް ކުރަން ފަށާ ހިސާބުން މި ދާއިރާއަށް ވަދެ ހުސްވާނެއެވެ. 

ބައެއް ކުދިންނަށް ހީވެފައި އޮންނަނީ ޑައެޓެޓިކްސް ކޯހުގައި ކިޔަވަނީ ހަމައެކަނި ކާނާ އާއި ބެހޭގޮތުންނެވެ. ނަމަވެސް މިއީ ތެދު ހީ އެއް ނޫނެވެ. މި ކޯހުގައި އިންސާނާގެ މުޅި ހަށިގަނޑު ދަސްކުރާނެއެވެ. އެނަޓޮމީ، ފިޒިޔޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް އަދި ނިއުޓްރިޝަން ފަދަ މާއްދާތައް ކިޔަވާނެއެވެ. 

ޞިއްޙީ ތަޖުރިބާކާރެއްގެ ގޮތުން މަސައްކަތް ކުރާ އިރު ޑައެޓިޝަނެއްގެވެސް ބޮޑު ޒިންމާއަކާއި މަސްއޫލިއްޔަތެއް އޮވެއެވެ.

މިވަގުތު ރާއްޖޭގައި އެހެނިހެން ޞިއްޙީ ދާއިރާތައް ހުރީ ގާއިމު ވެފައެވެ. މިއާ ޚިލާފަށް ޑައެޓެޓިކްސްއެއް އަދި ނުވެއެވެ. އެހެންކަމުން ޑައެޓިޝަނުންނަށް އޮތީ އުނދަގޫ ވާޖިބެކެވެ. އެހެންނަމަވެސް ރާއްޖެއަށް ޑައެޓިޝަނެއްގެ ގޮތުން މަސައްކަތް ކުރަން އަންނަ ކުއްޖަކީ މިދާއިރާ މިގައުމުގައި ކުރިއަރުވާ ހަރުދަނާ ކުރާނެ މީހަކަށް ވާނެއެވެ.

މި ދާއިރާގައި ދެވޭނެ އެކި އެކި ރޮނގުތައް ހުރެއެވެ. އަޅުގަނޑު މަސައްކަތް ކުރާ ހިތްވަނީ އައި.ސީ.ޔޫ އަދި ހޮސްޕިޓަލުގައެވެ. ކަސްރަތަށް ނުވަތަ މުޖްތަމައު ހޭލުންތެރި ކުރުވުމަށް ޝައުގުވެރިކަން ހުންނަ ކުއްޖަކަށް އެރޮނގުންވެސް މަސައްކަތް ކުރެވޭނެއެވެ. މިގައުމުގައި ބައިވަރު ފުރުސަތު ހުރެއެވެ. އަޅުގަނޑުމެން ތިކުދިންނަށް "ވެލްކަމް" ކުރަމެވެ. 

މުސާރައިގެ ގޮތުން ބަލަނީ ނަމަ، މިދާއިރާގައި އޮންނާނީ މަސައްކަތް ކުރި ވަރެކެވެ. ހޮސްޕިޓަލުގައި މަސައްކަތް ކޮށްގެން ލިބޭ އާމްދަނީއަށް ވުރެ އަމިއްލަ މަސައްކަތުންނާއި ކްލިނިކްތަކުން ލިބޭ އާމްދަނީ މާ ބޮޑެވެ. ރަނގަޅު އާމްދަނީއެއް ބޭނުމިއްޔާ މިދާއިރާގައި މަސައްކަތްކުރުން ބުއްދިވެރިއެވެ.

މުޖުތަމައުގައި ހިނގާ މައްސަލަތަށް ހައްލު ކުރުމަށް ޑައެޓިޝަނެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެވޭނެއެވެ. މިސާލަކަށް، މުޖުތަމައު ތެރޭގައި ހިނގާ ކުށް ހީތަށް ފިލުވޭނެއެވެ. އެގޮތުން އަޅުގަނޑުމެންވެސް ބަތަކީ ސިއްހަތަށް ފައިދާ ހުރި އެއްޗެއްކަން އުނގަންނައިދީ ގަޑިން ގަޑިއަށް ކެއުމުގެ މުހިންމުކަން ކިޔައިދިނީމެވެ. މިމަސައްކަތްތައް ކުރެވުމުން ހިތައް އުފާވެރިކަން ވަންނާނެއެވެ.

މިދާއިރާއަށް ޝައުގުވެރިވާ ކުދިން އިތުރަށް ދަސްކުރުމަށްޓަކައި ވޮލަންޓިއަރ އެއް ގޮތުގައި އަޅުގަނޑުމެންނާއެކީ ޕްރޮޖެކްޓު ތަކުގައި މަސައްކަތް ކުރެވޭނެއެވެ. ހޮސްޕިޓަލު ތަކުގައި އަޅުގަނޑުމެންނާއަކީ މަސައްކަތް ކުރަން މިވަގުތު ދަތި ވާނެއެވެ. އެއީ ޑައެޓިޝަނުން މަދުކަމުންނެވެ. އެހެންނަމަވެސް އަމިއްލައަށް އުނގެނޭ ހިތުން އަޅުގަނޑު ކައިރިއަށް އަންނަ ކުއްޖަކަށް އަޅުގަނޑުމެން ހޮސްޕިޓަލުން ބޭރުން ކުރާ މަސައްކަތުގައި ބައިވެރިވާން ފުރުސަތު ދޭނަމެވެ.

ޞިއްޙީ ތަޖުރިބާކާރުންގެ ތެރެއިން އެންމެ ބަލައިގަންނަ، އިހުތިރާމްކުރާ ބޭފުޅުންނަކީ ކޮބާ؟

އަލްމަރްޙޫމް ޑރ. އަހުމަދު ރާޒީ – އަޅުގަނޑު މިދާއިރާގައި ފުރަތަމައިނުން މަސައްކަތް ކުރަން ފެށިއިރު، ރާއްޖޭގައި ހުރި އެންމެ މަޝްހޫރު ޑޮކްޓަރަކީ ޑރ. ރާޒީއެވެ. އެއީ އަޅުގަނޑު ވަރަށް ބަލައިގަންނަ ޑޮކްޓަރެކެވެ.

ޑރ. އަބްދުލް އަޒީޒް ޔޫސުފް – އަޅުގަނޑަށް އެންމެ ބޮޑު އެއްބާރުލުމެއް ދިން އެއް ފަރާތެވެ. ޑޮކްޓަރ އަޅުގަނޑަށް ނަސޭހަތްތެރިވީ ހަމައެކަނި ހޮސްޕިޓަލުގައި ބަލިމީހުންނަށް ފަރުވާ ދިނުމުގެ ބަދަލުގައި މުޖުތަމައަށް ނުކުމެ މީހުންނަށް އުނގަންނައި ދިނުމަށެވެ. އަޅުގަނޑު މިގޮތަށް މަސައްކަތް ކުރަން ފެށުމުން ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވުނެވެ.

ޑރ. އަބްދުﷲ ނިޔާފް – ޑރ. ނިޔާފްއަކީ ނިއުޓްރިޝަންގެ ދާއިރާ ވަރަށް ބޮޑަށް ދިރާސާކޮށް އުނގެނިފައިވާ ބޭފުޅެކެވެ. އެހެން ކަމުން ޑޮކްޓަރު ބަލިމީހުންނަށް ދޭ ނަސޭހަތާއި އަޅުގަނޑުމެން ޑައެޓިޝަނުންގެ ގޮތުގައި ދޭ ނަސޭހަތް ވަރަށް އެއްގޮތްވާނެއެވެ. ބަލިމީހާއަށް ކާ އެއްޗެހި މަނާކޮށެއް ނުހަދައެވެ. އަދި މައިބަފައިންގެ އިހުސާސް ރަނގަޅަށް ދެނެގަނެއެވެ.

ޑރ. އަލީ ނަޒީމް – އައި.ޖީ.އެމް.އެޗް ގެ މެޑިކަލް އެޑްމިނިސްޓްރޭޓަރ އެވެ. އަޅުގަނޑަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވައެވެ. އަޅުގަނޑު ހޮސްޕިޓަލުގައި ކުރާ މަސައްކަތްތަކާއި ބެހޭ ގޮތުން ޚިޔާލު ފާޅުކުރެއްވުމުން އަޅުގަނޑު ކުރިއަރަން އިތުރު ހިތްވަރެއް ލިބިގެން ދެއެވެ.

ޑރ. އަލީ އަބްދުﷲ ލަތީފް – އިންޓަރނަލް މެޑިސިން ޑިޕާޓްމެންޓުގައި އަޅުގަނޑުގެ ސުޕަވައިޒާ އެވެ. ޑރ. ލަތީފްވެސް އަޅުގަނޑުގެ މަސައްކަތާއި ދޭތެރޭ ޚިޔާލު ފާޅު ކުރައްވައެވެ. އަދި އަޅުގަނޑަށް ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ އަޅުގަނޑަށް ނަސޭހަތްތެރިވެ އެހީތެރިވެ ދެއްވައެވެ. އަޅުގަނޑާ ދޭތެރޭ ކަންތައް ކުރަނީ އިހްތިރާމާއި އެކުގައެވެ.

ޑރ. އައިޝަތު އަރޫނާ – އަޅުގަނޑުމެން ދެމީހުން އެކުގައި މަސައްކަތް ނުކުރި ކަމުގައި ވީނަމަވެސް، ޑރ. އަރޫނާއަކީ މިދާއިރާއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައި ހުރި ބޭކަނބަލެކެވެ. ޚާއްސަކޮށް ސިގެރޭޓު ބުއިމުން މުޖުތަމައު ދުރުހެލި ކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރެއްވިއެވެ.

މަރިޔަމް ނަޖްލާ – ދިވެހި ރާއްޖޭގެ ފުރަތަމަ ޑައެޓިޝަންއެވެ. މިދާއިރާއާއި ބެހޭ ގޮތުން އެއްވެސް ސުވާލެއް އުފެދިއްޖެނަމަ އަޅުގަނޑު ދަނީ ނަޖްލާ ގާތަށެވެ. އަޅުގަނޑު އޮންލައިންކޮށް ލިޔުމެއް ޝާއިޢު ކުރިޔަސް އެލިޔުން ކިޔާ ޚިޔާލު ފާޅު ކުރެއެވެ. 

މިބޭފުޅުންގެ އިތުރުން އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުންވަނީ އައި.ޖީ.އެމް.އެޗް ގައި އަޅުގަނޑާއެކު މަސައްކަތް ކުރައްވާ ޑައެޓިޝަނުންނެވެ. މަލާހާ އަބްދުއްރަޝީދު އަދި އައިމިނަތު އިއާޝާ އެވެ. މަލާހާއަކީ އަޅުގަނޑާ ދޭތެރޭ ވަރަށް ރަނގަޅަށް އަދި ވަރަށް އިހުތިރާމާއެކު ކަންތައްތައް ކުރާ މީހެކެވެ. އަދި އިއާޝާ އަކީ އިލްމުން ފުރިގެންވާ މޮޅު ޑައެޓިޝަނެކެވެ.

އެންމެ ފަހު ބައެއްގެ ގޮތުން އަޅުގަނޑާއެކު މިހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ އެހެނިހެން ފަރާތްތައް ފާހަގަކޮށްލަމެވެ. އެއެންމެންނަކީވެސް އަޅުގަނޑު ވަރަށް ބަލައިގަންނަ ބައެކެވެ.  

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (2)
User image
އީނު
19/09/2019 07:42
އޯޓިޒަމް އަދި އޭޑީއެޗް ކުދިން ކެއުން ބަހައްޓަން ޖެހޭ ގޮތުގެ ރިސާރޗެއް ކޮށްލަ ދީބަލަ އާސިޔާ..މި ކުޑަކުޑަ ދިވެހިރާއްޖެއަށް ވަރަށް މުހިއްމު މައުލޫއެއް އެއީ..
User image
ޝަރީފް
02/01/2020 17:14
އަޅުގަނޑު ބޭނުން ރަގަޅު ޑައިޓް ޕްލޭނެއް.
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ