ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކުރަން އެމްއެމްއޭއިން އިލްތިމާސްކޮށްފި

ރާއްޖޭގައި މި ދުވަސްވަރު ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީވެ، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން ކަންބޮޑުވުންފާޅުކޮށްފި އެވެ.
އެމްއެމްއޭއިން ބުރާސްފަތި ދުވަހު ކުރި ޓްވީޓެއްގައި ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރެވޭ މީހުންގެ އަދަދު އިތުރުވުމަކީ އެ އެސޯސިއޭޝަނުން އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށް ބުނެފަ އެވެ. އަދި މިގޮތަށް ބަލި ކޮންޓްރޯލް ނުވެ، ކޭސްތައް އިތުރުވާން ފަށައިފިނަމަ، ސިއްޙީ ޚިދުމަތް ދޭތަންތަން ފުރި، ސިއްޙީ ޚިދުމަތްތެރިން މަދުވުމަކީ ވަރަށް ގާތުގައިވ ކަމެއްކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ކޮވިޑާއި ގުޅިގެން އިއުލާންކުރި ލޮކްޑައުންއަށް ލުއިތަކެއް ދިންފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ފާއިތުވި ހަފްތާގެ ތެރޭގައެވެ. އަދި މިކަމާއި ގުޅިގެން އެޗްޕީއޭއިން ވަނީ މާސްކް ނާޅާ މަގުމަތީގައި އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރާނޭކަން އިއުލާންކޮށްފަ އެވެ.
އެމްއެމްއޭއިން ވަނީ ޕޮޒިޓިވް ކޭސްތައް ގިނަވުމާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް އަޅުއްވައިފައިވާ ފިޔަވަޅުތައް އިތުރަށް ޚަރުދަނާ ކުރުމަށް ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން އާންމު ތަންތަނުގައި މާސްކު އެޅުމާއި އިޖްތިމާއީ ގައި ދުރުކަން ބެހެއްޓުން ހަރުކަށިކޮށް، މިކަންކަން މިކަންކަމަށް ބޯނުލަނބާ ފަރާތްތައް ފާހަގަކޮށް އެކަންކަން އިސްލާހުކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.
މީގެއިތުރުން އެކި މުއައްސަސާ ތަކުންނާއި އާންމު ފަރުދުން ބާއްވަމުންދާ އެއްވުން ތަށް މަނާކުރުމަށްވެސް އެމްއެމްއޭއިން ވަނީ ގޮވާލާފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)